ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމަށް މި ސަރުކާރުން އިއުލާން ކޮށްފައިވާ މަޝްރޫއުއާ ދެކޮޅަށް ނުކުތުމުން ދޮންފަނު ބިން ހިއްކުން ހުއްޓަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ހިންގަން ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ވައުދު ފުއްދުމަށް އެއްބަސްވުމުގައިވެސް ސޮއިކުރި ކަމަށެވެ.
ނަމަވެސް ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ އެ ރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވި އެވެ.
ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް މި އަހަރުގެ އޮގަސްޓު 13 ގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ނަމަވެސް ދޮންފަނު ބިން ހިއްކުުމުގެ މަޝްރޫއުގެ ސަބަބުން ހަނިފަރު ބޭ އޭގެ އަސްލު ސިފައިގައި ދެމި އޮތުމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެށީގެ އިތުރުން އެ ސަރަހައްދުގެ އިގުތިސާދަށާއި ދިވެހި ސަގާފަތަށް ވެސް އަސަރުކުރާނެ ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ. އެ ޕެޓިޝަންގައި މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.




ގުޅުންހުރި
ވެމްކޯ މުވައްޒަފުގެ މަރު: އެކްސްކަވޭޓަރު އޮޕަރޭޓް ކުރި މީހާއަށް ކުރަނީ ގަސްދަކާ
ފައިސަލް, ސަރުކާރަށް: ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި, ތަޖުރިބާކާރުންގެ ލަފާ އަޑުއަހާ!
ދަރަންޏަކީ ގައުމީ މައްސަލައެއް، ސަރުކާރަށް އެކަނި ހައްލެއް ނުވާނެ: ނަޝީދު
ދިވެހި ދެމަފިރިއަކަށް ލިބުނު އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި