ނޭޕާލު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާ ހޫނުވެ، ހަމަނުޖެހުން އުފައްދަމުން ގެންދާތީ މި ވަގުތު ދިވެހީން ނޭޕާލަށް ދަތުރު ނުކުރުމަށް ސަރުކާރުން އިލްތިމާސް ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ މަޝްރަހު އާންމު ހާލަތަށް އަނބުރާ ރުޖޫއަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް އެ ގައުމަށް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް އެދޭ ކަމަށެވެ.
އަދި ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މި ހާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައި ދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުން އަންނައިރު، ނޭޕާލުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ނޭޕާލުގެ ހާލަތު ބަދަލުވަމުން އަންނަ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް އެދިފަ އެވެ.
- އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 919910040786+
- ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400



