ގެދޮރުވެރިޔާގެ ނަމުގައި ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަން ފެށި 4،000 ފްލެޓް ލިބުނު މީހުންނާ މާދަމާ ފްލެޓް ހަވާލުކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
އެފްޑީސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފްލެޓް ތަޅުދަނޑި ހަވާލުކުރުމަށް ތާވަލުކޮށްފައިވާނީ އެ ކުންފުނީގެ ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރަން ހަމަޖެހިފައިވަނީ ފެނާއި ކަރަންޓާއި ނަރުދަމާގެ ނިޒާމު އަޅާ ނިމިފައިވާ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށެވެ.
އެފްޑީސީން ބުނާ ގޮތުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓު ލިބުނު މީހުންގެ ތެރެއިން 3،000 އަށްވުރެ ގިނަ ފްލެޓް އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ.
އަދި އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންނަށް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ އިންތިޒާމުވެސް ދަނީ ހަމަޖައްސަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.



