ސެޕްޓެމްބަރ 12, 2025

ނަމާދުކުރާ މީހުން ވައްކަމާއި ރިޝްވަތާއި ދޮގުހެދުން ފަދަ ފާހިޝް ކަންކަމުނުން ދުރުހެލިވާނެ: ހުތުބާ

ނަމާދުކުރާ މީހުން ވައްކަމާއި ރިޝްވަތު ފަދަ ފާހިޝް ކަންކަމުން ދުރުހެލިވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އީމާންވުމަށް  އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށާއި ނަމާދަކީ ދީނުގެ ތަނބު ކަމަށެވެ. ހުތުބާގައި ބުނީ ގިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމު ކަމަށެވެ. ނަމަދާނުލައި އެހެނިހެން އަމަލުތައް ގަބޫލުވެވިގެންނުވާނޭ އަޅުކަމަކަށް ވާތީކަމަށް ހުތުބާގައި ބުންޏެވެ.

މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ހާލިސްކޮށްގެންވާ ހާލުގައި ކަމަށް ހުތުބާގައި ބުންޏެވެ. ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

”ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނޭކަން އެނގެއެވެ. ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝު ޢަމަލުތައް ނުކުރާނޭކަން އެނގެއެވެ“ ހުތުބާގައި ބުންޏެވެ.

ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ އަމަލުތައް ކުރާމީހުން މަދެއްނޫނެވެ. މިއީ އަހަރެމެންގެ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭނޭ ކަމެކެވެ. އެ ސުވާލަކީ، ނަމާދު ކުރެވެނީ ޚުޝޫޢަތްތެރިކޮށް ރަނގަޅަށްހެއްޔެވެ؟ މާތް اللّٰهއާއި އެ ކަލާނގެ ރަސޫލާ އެންގެވި ގޮތަށްހެއްޔެވެ؟ ޖަވާބުގައި އާނއެކޭ ބުނާ ނަމަ، ދެން ފާޙިޝުކަންތަކާއި ފާފަތަކަށް އަރައިގަނެވެނީ ކީއްވެތޯ ތިމާގެ އަމިއްލަ ނަފުސާ ސުވާލުކުރާށެވެ“

ނަމާދަކީ ހަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހެދުމަށް ހުތުބާގައި ވަނީ އެދިފަ އެވެ. އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށްނަހަދައި ނަމާދަކީ އެ އަޅުކަމަށް ވަގުތު ހުސްކޮށްގެން ކުރާހިތުން ގަޔާވެގެން އޭގެ ވަގުތުގައި އަދާކުރާ އަޅުކަމަކަށްހަދަންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި ކިޔާ ތަކެތި އަޑުހަރުކޮށް ކިޔައިގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. ޖަމާއަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުން ކަމަށް ހުތުބާގައި ބުންޏެވެ.

”ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވައިލާށެވެ! އެއީ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް މިއަދު ކުރެވިދާނޭ ކަމެކެވެ. ނަމާދުގަޑީގައި މީހުންނާ ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫޢަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެކެވެ. ނަމާދަށް ތިއްބައި، ފޯނު ރަނގަބީލުވާ އަޑު އިވުމަކީ، ނަމާދަށް ތިބޭ މީހުންނަށް އުނދަގޫވާނެ ކަމެކެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކުރާށެވެ! ސޫރަތުލްފާތިޙާއާއި ކުރުސޫރަތްތަކުގެ މާނައާއި، ތަސްބީޙަތަކާއި ޛިކުރުތަކާއި ދުޢާތަކުގެ މާނައެވެ. ނަމާދަށް ހުންނައިރު، ކިޔަވާ ސޫރަތްތަކާއި ކިޔާ ތަކެތީގެ މާނަ ހިތަށް ގެންނާށެވެ“ ހުތުބާގައި ބުންޏެވެ.

ނަމާދުކުރާ ތަނުގައި، ޤިބުލައާވީ ފަޅީގައި، ތަސްވީރުތަކާއި ކުރެހުންތައް ހުންނަ ތަކެތި ބެހެއްޓުމަކީ ވެސް ނަމާދަށް ހަލަލު އަންނާނޭ ކަމެއްް ކަމަށް ހުތުބާގައި ބުންޏެވެ.