ޗައިނާގެ މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ އެލަން ޔޫ މެންގްލޮންގް ބިލްޑިންއަކުން ވެއްޓި މަރުވެއްޖެ އެވެ.
ޗައިނާގެ މަޝްހޫރު ސީރީޒްއެއް ކަމަށްވާ ’އެޓާނަލް ލަވް“ ގައި ފެނިގެންދާ އެލަން މަރުވީ މިދިޔަ ބުރާސްފަތި ދުވަހު ބެއިޖިންގައި ހުންނަ އިމާރާތެއްގެ މަތިން ވެއްޓިގެން ކަމަށް އޭނާގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އުމުރުން 37 އަހަރުގެ އެލަން ވެއްޓުނީ ސީދާ ކޮން އިމާރާތެއްގެ މަތިން ކަމެއް އޭނާގެ ޓީމަކުން ނުބުނެ އެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކުކުރެވޭ ކަންކަން ހުރުމުން އެކަން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
އެލަންގެ ކެރިއަރު ފެށީ 2013 ވަނަ އަހަރުގައި ޗައިނާގައި ބޭއްވި ލަވަކިޔުމުގެ މުބާރާތެއް ކަމަށްވާ ’ސުޕާ ބޯއި‘ މުބާރާތުގައި ބައިވެރިވެގެންނެވެ. އޭނާ މަޝްހޫރުވެގެން ދިޔައީ އޭނާ ކުޅުނު މަޝްހޫރު ޑްރާމާއެއް ކަމަށްވާ ’ގޯ ޕްރިންސެސް ގޯ‘ އިންނެވެ. އޭގެ ފަހުން އޭނާ ވަނީ މަޝްހޫރު ޗައިނީސް ޑްރާމާތަކުން ފެނިގެން ގޮސްފައެވެ.



