ސެޕްޓެމްބަރ 14, 2025

ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.5 ޕަސެންޓް ދަށަށް

މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 15.5 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް“ ގައިވާ ގޮތުން، މިދިޔަ ހަފުތާ ނިމުނު އިރު ދައުލަތުގެ ބަޖެޓުން ވަނީ ޖުމްލަ 25.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ބަޖެޓުން ކުރި ޚަރަދުތައް މިހާބޮޑަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ތަރައްގީގެ މަޝްރޫއުތަކަށް ކުރެވޭ ހަރަދުތައް ނުވަތަ ކެޕިޓަލް ހަރަދުތައް 57.7 ޕަސެންޓް ދަށްކޮށްފައިވުން ކަމަށް ފިނޭންސްގެ ހިސާބުތަކުން ފާހަގަކުރެއެވެ.

ކެޕިޓަލް ހަރަދު އެވަރަށް ކުޑަކުރެވިފައިވާއިރު، ރިކަރަންޓް ޚަރަދު ވެސް މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 4.5 ޕަސެންޓް ދަށް އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން 56.7 ޕަސެންޓް ހޭދަކޮށްފައިވަނީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށެވެ.

ޚަރަދުތައް ދަށްވި އެހެން ބައެއް ދާއިރާތަކަށް ބަލާއިރު، ތަކެތި ހޯދުމުގެ ޚަރަދު 15.5 ޕަސެންޓް ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ޚަރަދު ވަނީ 15.6 ޕަސެންޓް ދަށްވެފައެވެ. މީގެ އިތުރުން، ރިކަރަންޓް ހަރަދުގެ ތެރެއިން ދަތުރުފަތުރުކުރުމަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 5.8 ޕަސެންޓް ދަށެވެ. ދައުލަތުންދޭ އެހީ އާއި ސަބްސިޑީތަކަށް ކުރި ހަރަދު ވެސް މިދިޔަ އަހަރާ އަޅާބަލާއިރު 7 ޕަސެންޓް ދަށްކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކައެވެ.

މިއަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހަރަދުކޮށްފައި އޮތީ އެންމެ 4.1 ބިލިއަން ރުފިޔާއެވެ. މިއީ ސަރުކާރުން މިހާރު ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.