ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ފެނިގެން ދައުލަތުގެ މީޑިއާ، ޓީވީއެމްގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ކަމަށެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުންނެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމްކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- މާލެ މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (31އ)
- މާލެ / މއ. މަޒާގެ، އާމިނަތު އިލްޔީން އަޙްމަދު (25އ)
- ހދ. ކުޅުދުއްފުށި / މަރިޔާޒް، އިނާޔަތު ޢަލީ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު އިލްޔީން އަޙްމަދާއި އިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




ގުޅުންހުރި
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ
ކްލަޔަންޓުންނަށް ފަރުވާއާއެކު ޑްރަގު ދޭ މައްސަލައިގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި
ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި
އިހުސާންގެ އިންޒާރު: ޑްރަގު ވިޔަފާރިވެރިންނަށް ދިރިއުޅެން އުނދަގޫވާވަރު ކުރާނަން
”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން 90 މީހަކު ހައްޔަރުކޮށްފި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ