މި އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ކޮންމެ ބަޔަކުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް އެ ފަރާތަކުން ތައުލީމު ހާސިލުކުރަން ބޭނުންވާ ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މިދިޔަ އަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމަށް އިސްލާމީ މަރުކަޒުގައި މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވައި އިނާމުތައް އެންމެ އަގުބޮޑު އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ އަދި އެންމެ ބޮޑު އިނާމުތަކެއް ދެވެންވާނީ މާތް الله ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެގޮތުން މިއަހަރުން ފެށިގެން, ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ, ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް ތައުލީމު ހާސިލުކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް އެ ފަރާތަކުން ބޭނުން ގައުމަކުން ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން މުޅި މުބާރާތުގެ ތިން ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާޢި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއްވެސް ހިމެނޭނެ ކަމަށް ރައީސް އިއުލާން ކުރެއްވި އެވެ.
ރައީސް ވިދާޅުވީ, މުބާރާތުގެ ހުރިހާ ވަނަތަކަށް އިސްލާމިކް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިއަށްވުރެ ގިނަވެފައި އަގުބޮޑުވާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!