އެމްޑީޕީގެ އެއްވުމަށް ގުރޫޕުތައް ނެރެ ހަލަބޮލިކުރަން ދަނީ ރާވަމުން، އެ ފުރުސަތެއް ނުދޭނަން: ޕޮލިސް

އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

އިދިކޮޅު އެމްޑީޕީން އިސްވެ އޮވެގެން މިމަހު ތިނެއްގައި ބާއްވަން ރާވަމުން އަންނަ މުޒާހަރާއާ ބެހޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ.

އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް، ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި މާލޭގެ އަމާންކަމާއި އާންމު މަސްލަހަތު ގެއްލިދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް އެބަޔާނުގައި ފުލުހުން ވަނީ ގޮވާލައިފައެވެ.

މުޒާހަރާ ކުރުމަށް ހުއްދަ ދީފައިވަނީ ބޮޑުތަކުރުފާނު މަގުން ގޮސް މާލޭގެ ބޮޑު ހަ މަގަކުންނެވެ.