ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ 76 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި, އެ ގައުމުގެ ރައީސް ޝީ ޖިންޕިންގްއަށާއި ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާގެ ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސް މިއަދު ވަނީ ތަހުނިޔާ ފޮނުއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ, އެ ދެ ބޭފުޅުންނަށް ރައީސް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ, ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.
ޗައިނާގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ”ވަން-ޗައިނާ ޕޮލިސީ“ އަދި، ދެ ގައުމު ހިއްސާކުރާ ދޭދޭ މަސްލަހަތު ހިމެނޭ ކަންކަމާއި އިސްތިގުލާލީ ހަމަހަމަކަމާއި ސަރަހައްދީ އިތުބާރު ދެމެހެއްޓުމާއި ދާހިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި، އެ މަނިކުފާނު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި ފަހުމުނާމާތަކުގެ ސަބަބުން، ދެ ގައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެން ހިނގައްޖެކަން ފާހަގަކުރައްވައި، އަދި މީގެ ސަބަބުން، މުސްތަގުބަލުގައި ދޭދޭ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމަށްވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނީ, ބޮޑުވަޒީރު ލީ ޗާންގްއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ޗައިނާގެ ގައުމީ ދުވަހަކީ، އެ ގައުމުގެ ޒަމާންވީ ތަރައްގީގެ ދަތުރު ރަމްޒުކޮށްދޭ މުހިންމު ދުވަހެއްކަން ފާހަގަކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!