އޮކްޓޯބަރ 14, 2025

އެމްޑީޕީގެ މުޒާހަރާ ހުއްޓުވައި، ބައެއް މީހުން ހައްޔަރުކޮށްފި

”ލޫޓުވައިފި، ލޫޓުވައިފި“ ނަމުގައި އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ފެށި މުޒާހަރާ ހުއްޓުވައި، މީހުން ހައްޔަރުކުރަން ފަށައިފި އެވެ.

އެމްޑީޕީގެ މުޒާހަރާ މިއަދު ފެށީ އާޓިފިޝަލް ބީޗުންނެވެ. އެތަނުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އަދި މުހައްމަދު ޝިފާޒު (ޝިއްޕެ) މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކެވި އެވެ.

އެއަށްފަހު މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ، މަޖީދީ މަގުން ކުރިއަށް ދިއުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ މަޖީދީ މަގު ހެންވެއިރު ސްޓޭޑިއަމް ކައިރިއަށް ދިއުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ހުއްޓުވައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ޝިލްޑާއެކު އެސްއޯ ފުލުހުން ނެރުނުއިރު، މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދޭތެރޭގައި އެތަނުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުން ޕެޕާސްޕްރޭ ވެސް ބޭނުންކުރިތަން ފެނިފައިވެ އެވެ.

ފުލުހުން މިހާރު ދަނީ މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.