އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ އައްޑޫގެ ހުޅުދޫ، މީދޫ އަދި ފޭދޫގެ ނަމުގައި ވަކި ކައުންސިލްތަކެއް އުފައްދަން ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ނިންމައި، އެ ވޯޓު މި މަހުގެ 24 އަދި 25 ގައި ނެގުމަށް ނިންމައިފަ އެވެ.
އޭގެ އިތުރުން އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމެވި އެވެ.
އެ ނިންމެވުމާއި ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ވޯޓުގައި ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމަށެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އައްޑޫ ސިޓީ ކައުންސިލެއްގެ ގޮތުގައި އުފެދިފައިވާ ގޮތަށް ބަދަލު ގެންނަން އައްޑޫ މީހުން ބޭނުންވާކަން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ މަނިކުފާނަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެކަމަށް ވައުދުވެސް ވެވަޑައިގެންފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ އަންނަ އަހަރުގެ ކުރީކޮޅު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އަހައި ގޮތެއް ނިންމަންޖެހޭ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ގުޅުންހުރި
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން މި މަހު 24ގައި
އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދޭން އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ