އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ, އެއީ ދުނިޔަވީ ގާނޫނު: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ---

އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ ކަމަށާއި އެއީ ދުނިޔަވީ ގާނޫނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ, ޓެކްސް ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަން ކުރުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތަކުގެ އެންމެ ކުރީގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ނަން އޮތުމުން, ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު އެކަން ފާހަގަކުރެއްވުމުންނެވެ.

މީކާއިލް ވިދާޅުވީ, މަހާޒަކީ ކޮރަޕްޓް, ނަޒާހަތްތެރިކަމެއް މެތް, އެއްވެސް ކަހަލަ އޮށްޓަރެއް ނެތް ފަނޑިޔާރެއް ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވެ, އޭނާގެ އިތުބާރު ނެތް ކަމަށް ނިންމައި ފަނޑިޔާރުކަމުން ވަކިކުރި އިރު, ޓެކްސް ޓްރައިބިއުނަލްއަށް އައްޔަން ކުރަން މަހާޒުގެ ނަން ފޮނުވުމުން ސުވާލު އުފެދޭ ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ, ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށާއި އެކި ދުވަހު އެކި ގޮތަށް ކަން ހިންގުމަކީ ދުނިޔަވީ ގާނޫނު ކަމަށެވެ.

”އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ. އެއް ދުވަހު އެ ލީޑަރަކާ ނުލައި ދުނިޔޭގައި އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީގައި ދުނިޔޭގައި ނޫޅެވޭ ހިސާބަށް ވެސް ހިނގައިދާނެ،“ އަބްދުއްރަހީމް ވިދާޅުވިއެވެ.