ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނަށް ހުޅުވާލައިގެން ބާއްވާ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
މިއަދާއި މާދަމާ ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ އެ ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި އަހަރުގެ ކޮންފަރެންސްގައި 210 ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މި ފަހަރުގެ ކޮންފަރެންސް ބާއްވާފައި ވަނީ ޕޮލިސީ ކަރުދާސްތައް ފޮނުވައި ފުޅާ ދާއިރާއެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުން މަޝްވަރާކޮށް އެ ބޭފުޅުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އައިސް ކޮންފަރެންސްގައި މަޝްވަރާ ކުރާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސްގެ ބޭނުމަކީ، ގައުމުދެކެ ލޯބިވާ، ވިސްނާ ފިކުރުކުރާ ދަރިވަރުންތަކެއް ބިނާކޮށް ދިރިއުޅުމަށް ތައްޔާރުކުރުމަށްޓަކައި ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުންނާ އެކު މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވުނު އެކިއެކި ދާއިރާތަކުގެ ސިޔާސަތު، ޕްރިންސިޕަލުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ ހިޔާލާއި މަޝްވަރާއާއި އެކު އިތުރަށް ތަރައްގީ ކުރުމެވެ.



