އޮކްޓޯބަރ 14, 2025

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: ފަހުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމްއަށް

ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތިމަތު ޝާޔާ ޒާހިރު، އައިޝަތު ޝަބާ އަދި އަހުމަދު ޝައިމް ރިޒާ ހޯދައިފި އެވެ.

ތަދްރީސުލް ގުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ޝާޔާ މުޅި މުބާރާތުން އެއްވަނަ ހޯދީ ހާފިޒުގެ ގޮފިންނެވެ. އެ ގޮފިން ދެވަނަ ހޯދީ އަރަބިއްޔާ ސްކޫލުގެ ފަރާތުން ބައިވެރިވި އަބާން އިބްރާހިމެވެ. ތިންވަނަ ހޯދީ ރެހެންދި ސްކޫލުގެ ފަރާތުން ބައިވެރިވި އިސްމާއިލް އިޒުއާން އިބްރާހީމް އެވެ.

ޝަބާ މުޅި މުބާރާތުން އެއްވަނަ ހޯދީ ނުބަލާ ކިޔެވުމުގެ ގޮފިންނެވެ. އޭނާ ބައިވެރިވީ ށ. އަތޮޅު ކައުންސިލުގެ ފަރާތުންނެވެ. އެ ގޮފިން ދެވަނަ ހޯދީ އަރަބިއްޔާ ސްކޫލުގެ ފަރާތުން ބައިވެރިވި ފާތިމާ ބިންތު މުހައްމަދު އެވެ. ތިންވަނަ ހޯދީ އަރަބިއްޔާ ސްކޫލުގެ ފަރާތުން ބައިވެރިވި އަރީކް ހާދީ މުހައްމަދެވެ.

ލ. އަތޮޅު ކައުންސިލުގެ ފަރާތުން ބައިވެރިވެ ރިޒާ މުޅި މުބާރާތުން އެއްވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ގޮފިންނެވެ. އެ ގޮފިން ދެވަނަ ހޯދީ ސެންޓާ ފޯ ޒަމާނީ ގުރުއާން ކުލާހުން ބައިވެރިވި މުހައްމަދު ސާއީ މުބާރިކެވެ. ތިންވަނަ ހޯދީ އަރަބިއްޔާ ސްކޫލުގެ ފަރާތުން ބައިވެރިވި އާކިފް ބިން އިބްރާހިމް މުހައްމަދެވެ.

މި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދިން އަހަރެވެ.

އެގޮތުން މި އަހަރުގެ ފަހުރުވެރި ވަނަތައް ހޯދީ ފަރާތްތަކަށް ލިބުނު އިނާމުތައް:

  • ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލާ
  • ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު
  • ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް
  • ބޭނުން ރޮނގަކުން ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް
  • ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން އިސްލާމިކް މިނިސްޓްރީން 75،000 ރުފިޔާގެ ދޭ ފައިސާގެ އިނާމު
  • ހަނދާނީ ލިޔުމާއި ޓްރޮފީ
  • މޯލްވިސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދޭ އުމްރާ ދަތުރެއް