މޯލްޑިވްސް ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލައެއް, ކުންފުންޏަކަށް ފައިދާވާ ގޮތަށް ނިންމުމުގެ މުގާބިލުގައި ރިޝްވަތަށް އެދުނު ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރަކަށް ދައުވާ ކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ, މިދިޔަ ހަފުތާގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވާނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް, ހ. ނިއުހެޕިނަސް/ މުއާޒު އަލީގެ މައްޗަށް ކަމަށެވެ.
މުއާޒަށް ދައުވާކުރަން ފޮނުވީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު, އޭގެ ތެރެއިން 430 ކޭސް ސިނގިރޭޓް ކޭސް ރީ އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކޮށް ދޫކުރި ނަމަވެސް އެ ކޭސްތައް ރީ އެކްސްޕޯޓްކޮށްފައިނުވާތީ ކަސްޓަމްސް އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ.
އޭސީސީން ބުނީ, އެ މައްސަލަ އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.
މި މައްސަލައިގައި މުއާޒަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ އެވެ.



