މައިމީހާގެ ފަރާތުން ދަރިފުޅަށް, އެޗްއައިވީ, ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ދުނިޔޭގެ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކަން އިއުލާންކުރީ މިއަދު ނެރުނު ބަޔާނެއްގައެވެ.
އެކަމާ ގުޅިގެން ރައީސް ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައިމީހާގެ ފަރާތުން ދަރިފުޅަށް, އެޗްއައިވީ, ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ދުނިޔޭގެ ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.
އަދި މި ހޯދި ތާރީހީ ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އެހީތެރިވެވަޑައިގެންނެވި ސިއްހީ ހިދުމަތްތެރިންނާއި ބައިވެރިންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖެއަށް ލިބުނު މި ކާމިޔާބީއަކީ އާންމު ސިއްހަތު ކުރިއަރުވައި، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް އަދުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.



