ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް ސަރުކާރުން ފައިސާ ބަހަން އުޅޭކަމުގެ ތުހުމަތު، އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވައިފިއެވެ.
އިމްރާން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕެންޝަން އޮފީހުގެ އިންވެސްޓްމަންޓެއް ކަމަށް ދޭހަވާގޮތަށް އެތަނުގެ ބޯޑަށް ބިރުދައްކައިގެން ކުރާ ކަމަކީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރު ހިންގުމުގެ ބޭނުމަށް ފައިސާ ޗާޕުކުރުން ކަމަށެވެ.
އެހެން އެކަން ކުރުމުން، ރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ޕެންޝަންގެ ސިފަ ގެއްލި، ޓެކުހެއްގެ ކުލަތައް މާބޮޑަށް ޖެހިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
”ޕެންޝަން އޮފީސް މެދުވެރިކުރައްވައިގެން ރައީސް މުއިއްޒު ތިޔަ ޗާޕުކުރައްވާ ފައިސާ ސަރުކާރަށް ނަންގަވައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރާމް ރިޝްވަތުގެ ގޮތުގައި ބައްސަވަން މަނިކުފާނު އުޅުއްވާނެކަމާ މެދަކު އަޅުގަނޑުމެން ޝައްކެއް ނުކުރަން،“ އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އިގުތިސާދު ހަމަޔަކަށް އެޅުވުމަށް ކަމަށްބުނެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަންނަ ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް ގަދަބާރުން ސަރުކާރަށް ނަގައިގެން ހިންގަން އުޅުނު ދިއުޅިއެއްނުވާ ސިޔާސަތު ނުހިނގާ ފެއިލްވެއްޖެ ކަމަށެވެ. އަދި އެގޮތަށް ފައިސާ ޗާޕުކުރުމުން، ޑޮލަރުގެ އަގު އިތުރަށް އުފުލޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން ފައިސާ ޗާޕުކުރާ ކަމަށް އިމްރާން ވިދާޅުވާ އިރު، ސަރުކާރުން ހިންގަވާނީ ވައުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.



