އޮކްޓޯބަރ 22, 2025

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ދޭނަން: ރައީސް

އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވި 169 މީހަކަށް ފައިސާ ޖަމާކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ލ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގަމުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ހަލާސްކޮށްދެއްވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ފައިސާ ލިބެންޖެހޭ 169 މީހަކު ހިމެނޭކަން ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައިވާ ކަމަށާއި ދާދި އަވަހަށް ކަމާބެހޭ މިނިސްޓްރީތަކުން ޓީމުތައް އައިސް، ބޭނުންވާ މައުލޫމާތުތައް ހޯދުމަށްފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ، ހައްގުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެން އޮންނާނީ އެއިން ކޮންމެ މީހެއްގެ ބޭންކު އެކައުންޓް ހޯދައި ސީދާ އެކައުންޓަށް ޖަމާކުރުމުގެ މަރުހަލާ ކަމަށެވެ.