ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރުގައި ބަހައްޓާފައި ހުއްޓައި، އެ ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާ އެ ވައްކަން ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް އެހީތެރިވުމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.
އެ މައްސަލައިގައި ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން (52އ)، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުން ފުލުހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، އެ ކުށުގެ އަމަލަކީ ގިނަ ބަޔަކު ބައިވެރިވެގެން ރޭވުންތެރިކަމާއެކު އިންތިޒާމުވެގެން ހިންގާފައިވާ ކުށުގެ އަމަލަކަށްވުމުން، އޭނާގެ ބައިވެރިވުން އެކަމުގައި އޮތުމުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެނެއެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ލިބިފައިވާ ކަމަށާއި އެގޮތުން ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް އޭނާގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓައެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ ހަތަރު މީހުންނަކީ މއ. އެވާ ގްލޯރީ/ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ބ. އޭދަފުށީ/ ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ/ މެދުރީގެ، ޒިވާރު އިސްމާއިލްއެވެ.
އެ އެންމެންނަށް ވެސް ފުލުހުން ވައްކަމުގެ ތުހުމަތުކުރާ އިރު، ވިޔަފާރިވެރިން ކަމަށްވާ އާރިފާއި ދިގަލި ވަހީދު އެ ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުކުރެއެވެ.



ގުޅުންހުރި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް