ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މީގެ ކުރިން މުސާރަތައް ބޮޑުކޮށްފައިނުވާ ދާއިރާތަކުގެ މުވައްޒަފުންނެވެ.
އޭގެ ތެރޭގައި ގިނައިން ހިމެނެނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހިމެނޭ އިދާރީ މުވައްޒަފުންގެ ރޭންކުގެ މުސާރަތެކެވެ. ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް މީގެ ކުރިން، ކުރީ ސަރުކާރުގައި ބޮޑުކޮށްފައިވާތީ އެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.
ބައެއް ބަދަލުތަކަށް ބަލައިލާ އިރު، މިހާރު އަސާސީ މުސާރައިގެ ގޮތުގައި 4،465 ރުފިޔާ ލިބޭ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި ދެން ލިބޭނީ 9،110 ރުފިޔާއެވެ. ޑިރެކްޓަރުންނަށް މިހާރު އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 8,835 ރުފިޔާއެވެ. ނަމަވެސް ދެން އެ މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭނީ 14،885 ރުފިޔާއެވެ.
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ފިޔަވައި، ސިވިލް ސާވިސްގެ އެހެން ފަންނީ މުވައްޒަފުންގެ ރޭންކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ވަނީ ބަދަލުތައް ގެނެސްފައެވެ.



