ނޮވެމްބަރ 1, 2025

”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފި

ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފަށައިފިއެވެ.

އާ ގާނޫނުގެ ދަށުން، 01 ޖެނުއަރީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާވާނެއެވެ. އެ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފަށާފައިވަނީ މިރޭ 12:00 ގައެވެ.

ދުންފަތުގެ ގާނޫނުގެ ހަވަނަ މާއްދާގައި ކުރިން އޮންނަނީ، ދުންފަތުގެ އެއްްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދާފައި ހުރި އެއްވެސް އެއްޗެއް، 21 އަހަރުން ދަށުގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ވިއްކައިގެން ނުވާނެ ކަމަށެވެ.

ނަމަވެެސް މިދިޔަ މެއި މަހު އެ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކުން ދުންފަތުގެ ބާާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

އަދި ދުންފަތުގެ އެއްވެސް ބާވަތެއް އަދި އުފެއްދުމެއް އެފަދަ ފަރާތަަކަށް ވިއްކުމަކީ މަނާކަމެއް ކަމަށްވެސް ހިމަނާފައިވެއެވެ. އެއާއެކު 21 އަހަރުންދަށުގެެ އެއްވެސް ފަރާތަކަށް އެފަދަ އެއްޗެއް ވިއްކުމަކީ މަނާކަމެއްް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ގާނޫނުގައި ވަނީ، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް، އެ ބާވަތްތައް ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކުން ނޫނ، ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށާއި ގަންނަނީ ކާކުކަން ނޭނގޭ އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށެވެ.