ނޮވެމްބަރ 4, 2025

”ތިއީ އަހަރެންގެ މުޅި ދުނިޔެ, ފަޅި ސިކުންތެއް ވެސް ތިބާއާ ނުލާ މި ދުނިޔޭގައި ހޭދަކުރާނީ ކިހިނެތް ހެއްޔެވެ!“

މޫނު ބަލާލަން އާސަހަރާއަށް ދިޔައިރު ގިނަ ބަޔަކު އެތަނުގައި ތިއްބެވެ. އާއިލާ އާއި ރަށުންވެސް ގިނަ ބަޔަކު އައިސް އުޅުނެވެ. އެ މީހުންގެ ތެރެއިންވެސް އަހަރެންގެ ހިތަށް އަސަރު ކުރުވީ އެންމެ މަންޒަރެކެވެ. އޭނާ ދައްކަމުންދިޔަ ވާހަކަތަކެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އަލީ އަފްލާހު އަބްދުالله ގެ ހަށިގަނޑު އަށި މަތީގައި އޮތްއިރު އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިން އޭނާގެ ލޯބިވާ އަނބިމީހާ އެވެ.

ގޮނޑިއެއްގައި އަފްލަހުގެ އަންހެނުން އިނީ އޭނާގެ ލޯބިވާ ފިރިމީހާގެ ފުރާނަ ނެތް ހަށިގަނޑަށް ކަޅި ޖަހާނުލައި ބަލަހައްޓައިގެންނެވެ. ގިސްލެވޭ ހާލުގަ އެވެ. ލޮލުން ހިފެހެއްޓުމެއް ނެތި އަންނަމުންދިޔަ ކަރުނުތައް ފޮހެމުން އެތަނުގައި ތިބި މީހުންނަށް އޭނާ ބުނަމުންދިޔަ އެވެ. އަފްލަހަކީ އޭނާގެ މުޅި ދުނިޔެ އެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހަޔާތުގެ ބައިވެރިޔާ އެވެ. ފޮނި ހުވަފެންތައް އެކުގައި ދުށް ކަމަށާއި އެންމެ ފަޅި ސިކުންތެއްވެސް އަފްލަހުއާ ނުލާ މި ދުނިޔޭގައި ހޭދަކުރާނީ ކިހިނެތްތޯ ވެސް ބުނަމުންދިޔަ އެވެ. ނުރޯން އޭނާ ކިތަންމެ ހިތްވަރެއް ކުރި އެވެ.

އުމުރުން އެންމެ 25 އަހަރުގައި އަފްލަހު ދުނިޔެ ދޫކޮށްދިޔަ އިރު, މައުލޫމާތު އެނގޭ މީހުން ބުނި ގޮތުގައި އަފުލަހުގެ ކައިވެންޏަށް އަދި ވާނީ އަހަރެއްހާ ދުވަހެވެ. އަންހެނުންނާއެކު އަފުލަހު ދިޔައީ ފޮނި ހުވަފެންތަކެއްވެސް ދެކެމުންނެވެ.

އަފުލަހަކީ އެއްބަނޑު އެއްބަފާ ކުދިންތަކުގެ ތެރެއިން އެންމެ ހަގު މީހާ އެވެ. މަންމަ އާއި ބައްޕަގެ ވަކިވުމާއެކު ރަށުގައި ދުވަސްކޮޅަކު ހުރުމަށްފަހު އޭނާ މާލެ ބަދަލުވީވެސް މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެމްޕީއެލްގެ ލޭބަރެއްގެ މަގާމަށް އަފްލަހު މިދިޔަ އަހަރު ޑިސެމްބަރު މަސް ތެރޭގައި ވަޒީފާ އަދާކުރަމުންދިޔައިރު އެ މަސައްކަތުން އެއަށްވުރެ ފަސޭހަ އެހެން މަސައްކަތެއް ކުރާ އެތަނުގެ އެހެން ޑިޕާޓްމަންޓަކަށް ހާދިސާ ބަދަލުވުމުގެ ހިޔާލުވެސް އޭނާ ގެންގުޅުނު ކަމަށް ރައްޓެހިންގެ ފަރާތުން މައުލޫމާތު ލިބުނެވެ.

Leave a Reply