ނޮވެމްބަރ 5, 2025

2026ގެ ބަޖެޓު: އަސްކަރީ ހަރަދުތަކަށް 2.8 ބިލިއަން, މި އަހަރަށްވުރެ 683 މިލިއަން އިތުރު!

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި އެމްއެންޑީއެފްއަށް 2.8 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން އެމްއެންޑީއެފަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ 2.8 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ 683 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. ޕަސެންޓޭޖުން ބަލާނަމަ މިއީ 32 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ ބަޖެޓުގައި އެމްއެންޑީއެފަށް ކަނޑައަޅާފައި އޮތީ 2.1 ބިލިއަން ރުފިޔާ އެވެ.

ވަކިވަކި ހަރަދުތަކަށް ބަލާއިރު, ގައުމީ ދިފައީ ބާރުގެ ބަޖެޓުން ލޮޖިސްޓިކް ސަޕޯޓް ހިދުމަތްތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު, ކޮމްބެޓް އެންޑް މެނޫވާ ފޯސަސްއަށް 910 މިލިއަން އަދި ކޮމްބެޓަންޓް ކޮމާންޑްސް އަށް 79 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.