ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެންފިއެވެ.
މިރޭ ބާއްވާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިއަދު ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންނެވުމުން، އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ މި ދަތުރުފުޅުގައި ހަނިމާދޫގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެހީގެ ދަށުން ކުރިއަށްދިޔަ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމުކުރި ރަންވޭ އަކީ 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރުމުގެ މަޝްރޫއު ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި އެލްއޯސީގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.




ގުޅުންހުރި
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ ވަކިވެއްޖެ
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރަން އިޒްރޭލުން އުޅޭތީ އެކަން ރާއްޖެއިން ކުށްވެރިކޮށްފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާ އަށް
ރަޝިއާ ޔޫކްރެއިން ހަނގުރާމައިގައި އެއްވެސް ކޮޅަކަށް ތާއީދެއް ނުކުރަން: ހަލީލް