ނޮވެމްބަރ 17, 2025

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: މުއްސަނދި މީހާއަށް ވެސް ފްލެޓާއި ގޯތި ގަންނަން ފުރުސަތު ދޭނެ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ދަށުން ތަނަވަސް ނުވަތަ މުއްސަނދިންނަށް ވެސް ފްލެޓާއި ގޯތި ގަތުމަށް މަގުފަހިކޮށް ދިނުމަށް ފުރުސަތު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގެ އުޑުވިލާ ކޮންފަރެންސް ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފުތިތާހު ކުރި އިރު، އެ ސިޔާސަތުގެ ދަށުން ހަތަރު ކެޓަގަރީއަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ބަޔަކީ މާލީ ގޮތުން ފުދުންތެރި ފަރާތްތަކެވެ. އަނެއް ތިން ކެޓަގަރީއަކީ:

  • މެދު ފަންތީގެ އާއިލާތައް: އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ހާއްސަކޮށްގެން ޕްރޮޖެކްޓްތައް ހިންގޭނެ
  • އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް މީހުން: ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކޮށްދޭނެ
  • އެންމެ ފަގީރު ހާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް އާއިލާތައް: ސަރުކާރުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެހޭނެ

މިރޭގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު ކަނޑައަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ގެދޮރު ބޭނުންވާ 18 އަހަރުން މަތީގެ އެންމެން އޭގައި ޝާމިލުވާނެ ގޮތަށް ކަމަށެވެ.

އެގޮތުން މި ސިޔާސަތު ކަނޑައެޅުމުގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު މިހާރު އޮތް ގޮތް ވަޒަންކުރުމަށް މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތުން ސޯޝަލް ހައުސިން އަށް ކުރިމަތިލާ އާބާދީ އިންތިހާ އަށް ބޮޑުވެފައި، ލަގްޒަރީ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެ ތަންތަން ލިބޭ މީހުން މަދުކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ސޯޝަލް ހައުސިންގެ މަޝްރޫއު އެކަނި ހިންގައިގެން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް ނުލިބޭނެ ކަމަށާއި ވަށައިޖެހޭ ހައްލެއް ލިބޭނީ އެކި ފަންތީގެ މީހުންނަށް އަމާޒު ކޮށްގެން ހައުސިން މަޝްރޫއުތައް ހިންގައިގެން ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ’އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް‘ ތައާރަފުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

”އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް“ އަކީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައިގެ ތައާރަފުކުރި ސްކީމެކެވެ. އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ އެވެ.