ފުލުހުންގެ ތެރޭގައި ސިނގިރޭޓު ވައްކަންތަކެއް، ޖިނާއީ ތަހުގީގު ފަށައިފި  

ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ ---

ވިލިމާލެ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުއްޓައި ގިނަ އަދަދެއްގެ ސިނގިރޭޓު ކާޓޫންތަކެއް ގެއްލުނު މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިމަހުގެ 12 ގައި ބެލިއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަޑްސް ކޮމާންޑުން ބަލަމުންދާ ކަމަށާއި އަދި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.