ނޮވެމްބަރ 23, 2025

ފުލުހުންގެ ބެލުމުގެ ދަށުން ތަކެތި ގެއްލިގެން ނުވާނެ: ފުލުހުން 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ހާއްސަ އިސްކަމެއް ދީގެން ބަލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ ވިލިމާލޭ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓު ގެއްލުނު މައްސަލައިގައެވެ. އެއީ ތަފާތު ދެ މައްސަލައެއްގައި ފުލުހުން ހިފަހައްޓާފައިވާ ސިނގިރޭޓު ކާޓޫންތަކެކެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހިދުމަތުގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު އެފަދަ ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ.

”އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަޖެހޭ އަހުލާގާއި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެކެވެ.،“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ ކަންކަން އެ ހިދުމަތުން ކުރާނެ ކަމަށާއި އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.

”ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މި މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން ގެންދާ މައިގަނޑު އަމާޒެވެ.،“ ފުލުހުން ބުންޏެވެ.

ފުލުހުން ތަހުގީގުކުރާ އެއް މައްސަލައަކީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެކެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓު މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މިމަހުގެ 12 ގައި ބެލިއިރު ކަމަށެވެ.

ދެވަނަ މައްސަލަ ފާހަގަވެފައިވަނީ ހަ ކާޓޫން ސިނގިރޭޓު ގެއްލުނު މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދަނިކޮށެވެ. އެގޮތުން އެ މައްސަލައިގެ ތެރެއިން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ގައި ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.