ނޮވެމްބަރ 24, 2025

ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000 ގޯތި

ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000 ގޯތި ހާއްސަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ 1250 އަކަފޫޓުގެ 15،000 ގޯތި ކަމަށެވެ. އަދި އެ ގޯތިތައް ބެހިގެންދާނެ ގޮތުގެ ތަފްސީލެއް އެ މަނިކުފާނު ދެއްވިއެވެ.

”15،000 ގޯތީގެ ތެރެއިން އަޅުގަނޑުމެން މި ކަނޑައަޅަނީ އޭގެ ތެރެއިން ބަހާލާފައި ކެޓަގަރީތަކެއް. އޭގެ ތެރެއިން 10،000 ގޯއްޗަކީ މާލެއަށް އުފަން ރަށްވެހިންނާއި މާލޭގެ ރަށްވެހިންނާއި ދަފުތަރާއި ހުރިހާ ކަމެއް ހިމެނޭހެން މާލޭ ރަށްވެހިންގެ ގޮތުގައި ކިޔާ ހުރިހާ ރައްޔިތުން،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން ހިމެނޭ 2،000 ގޯތި ދޫކުރާނީ ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ މާލޭގައި ހުރި ގޯތިތައް ލާޖައްސާ އުސޫލުން ދޫކޮށްލާ ފަރާތްތަކާއި މައިމޮޅަ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ރަސްމާލޭގެ ޕްލޭންގައި ހިމެނޭނީ ޖުމުލަ 25،000 ގޯތި ކަމަށާއި 15،000 ގޯތި ދޫކުރުމަށްފަހު ދެން ހިމެނޭ ގޯތިތައް ދޫކުރުމުގެ ކަންކަން ވެސް ކުރިއަށްގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެއިން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން އިއުލާންކުރުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުއެވެ.