ނޮވެމްބަރ 24, 2025

ކުޑަކުދީންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި 

ކުޑަކުދީންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން އެ ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ޖަރާސީމު ފެނިފައިވަނީ އެމެރިކާގައި އުފައްދާ ފޯމިއުލާއެއް ކަމަށްވާ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާއިން ކަމަށެވެ.

އެ ފޯމިއުލާއިން ފެނިފައިވަނީ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ކަމަށާއި ބޮޓުލިނަމް ޖަރާސީމުން އެ ފޯމިއުލާ ތަގައްޔަރުވެފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ އެ ފޯމިއުލާއިން ޖަރާސީމު ފެނުމުގެ ސަބަބުން އެ ފޯމިއުލާ ބާޒަރުން ނެގުމަށް އަންގައި ވިއްކުން މަނާކޮށް، އެ ނައްތައިލުމަށް އެމެރިކާގެ އެފްޑީއޭއިން އަންގާފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހީ އިދާރާ، ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށްވެސް ލިބިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާގެ ހުރިހާ ބެޗެއް ވެސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.