ސްޓެލްކޯގެ ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.
އެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ސްޓެލްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުންދާ ކަމަށެވެ.
އެ ހާދިސާގެ މިނިވަން ތަހުގީގެއް ފުލުހުންގެ ހިދުމަތުން ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް އެ ކުންފުނިން ދެމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗްގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިނގައިދިޔަ ހާދިސާއެއްގައި މިއަދު އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު ސީރިއަސް އަނިޔާތައް ލިބުނު މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސައި، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފާރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކުރެވިފައި ކަމަށް ވެސް ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާ ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އަނިޔާވި މުވައްޒަފުގެ އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެ ފަދަ ހުރިހާ އަމަލަކުން ދުރުހެލިވުމަށާއި، ކަމާގުޅޭ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މައުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށް އެންމެހާ ފަރާތްތަކަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓެލްކޯގެ ބަޔާނުގައި ބުނީ އަނިޔާވި މުވައްޒަފުގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި އެ ކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށެވެ.




ގުޅުންހުރި
ނަވީންގެ ހިދުމަތުގެ އަގުވަޒަންކޮށްފި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާމިރު ހޯދަން އިއުލާންކޮށްފި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ