ޑިސެމްބަރ 3, 2025

އެޗްއާރުސީއެމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަންކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް ކުރީގެ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު، ގ.އާބިން/ ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.

ރަމީލާ އެޗްއާރުސީއެމް އަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވީ، އެ ކޮމިޝަންގެ މެންބަރު މަރިޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު 30 ނޮވެމްބަރަށް ހަމަވާތީ އެވެ. ރަމީލާއަށް މަޖިލީހުން ރުހުން ދިނީ 29 އޮކްޓޫބަރުގަ އެވެ.

ރައީސްގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި ރަމީލާ ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރަމީލާއާ ހަވާލުކުރައްވައިފަ އެވެ.

ސިއްހީ ހާލަތު ތަން ނުދޭތީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ޑރ. ރަމީލާ އިސްތިއުފާ ދެއްވީ އެކެއް ޑިސެމްބަރު 2024 ގައެވެ.