ޑިސެމްބަރ 12, 2025

އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން 

ބޮޑުކަންނެލި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުގައި ބައިވެރިވި މަސް ދޯނިތަކުގެ މަސްވެރިން، އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި، 49 ދޯންޏެއްގެ މަސްވެރިން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފައެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނެއެވެ. މައުރޫފަކީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީއެވެ.

ފުލުހުން މިރޭ ބުނީ މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖާ ގުޅިގެން ފާއިތުވި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ އެކިގޮތްގޮތުން މުއާމަލާތްކޮށް އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން އިހުތިޖާޖުގައި ބިދޭސީން ބައިވެރިނުކުރުމަށް އެދިފައި ކަމަށެވެ.

އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދު ކަމަށާއި މަސްވެރިންގެ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިތައް ކުރިމަތިވަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށާއި އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވީ ނަމަވެސް ،ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ އެ އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅުހަދައި، މާލޭ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސް އަޅަން މަސައްކަތްކޮށް، މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އިހުތިޖާޖުގައި ބައިވެރިވެފައިވާ ދޯނިތަކުން އިއްޔެ މެންދުރުން ފެށިގެން މުޅި ރޭގަނޑު އެއްކޮށް އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދުގެ ކަނޑުގެ ސަރަހައްދުގައި ނަގިލި ލައި، އުޅަނދުތައް އަޅައިގެން ތިބުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށާއި އެކި ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާދީފައިނުވާ ކަމަށާއި އަދި ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތްކުރުމަށްޓަކައި އިހުތިޖާޖުގައި ބައިވެރިވަމުންދިޔަ ބައެއް ދޯނިތަކަށް މިއަދު މެންދުރުފަހު ފުލުހުން އަރާފައިވާ ކަމަށެވެ.

އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި ފުލުހުން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން ވަނީ އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އިޖާބަދީފައިނުވާތީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.