ޑިސެމްބަރ 12, 2025

އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު ނުލިބި

ހުޅުމާލޭ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަހުމަދު އަޒުމީލު ނިޔާވި އިރު, އޭނާގެ އަނބިމީހާ އިނީ ތިންވަނަ ދަރިފުޅަށް ބަލިވެކަން އެނގިއްޖެ އެވެ.

ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް, ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 43 އަހަރުގެ އަޒުމީލުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި, ސީރިއަސް އަނިޔާތަކެއް ލިބުނީ 26 ނޮވެންބަރު 2025 ގައެވެ.

އޭނާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އަޒްމީލު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

’ހަފްތާ‘ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒުމީލު ނިޔާވި އިރު, އޭނާގެ ދެ ކުދިންނާއި އަނބަކު ދުނިޔޭގައި އެބަހުއްޓެވެ. އެއީ ދެ ފިރިހެން ކުދިންނެވެ. އަދި އަނބިމީހާ އިނީ ތިންވަނަ ކުއްޖަކަށް ބަލިވެކަންވެސް އެނގިފައިވެ އެވެ.

އަޒުމީލު ވަނީ އޭނާގެ މުޅި ހަޔާތުގެ ދެބައިކުޅަ އެއްބައި ގައުމީ ހިދުމަތުގައި ހޭދަކޮށްފަ އެވެ. އެގޮތުން އޭނާއަކީ ސްޓެލްކޯއަށް 21 އަހަރު ހިދުމަތް ކޮށްފައިވާ އެ ކުންފުނީގެ އަގުހުރި ހިދުމަތްތެރިއެކެވެ.