ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު ކަމަށާއި އިސްލާމްދީނުގައި ގެއްލުންދިނުން ނޯންނަ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
”ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ސަމާލުވާށެވެ!“ މި މައުލޫއަށް ހާއްސަކުރި މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކީރިތި ރަސޫލާގެ ޒަމާނުގައި އިންޖީނުލީ އުޅަނދު ނުހުރުމުން، އެ ޒަމާނުގައި ގަވާއިދުތައް ހެދިފައި ނެތް ނަމަވެސް، މަގުހިނގާ މީހުންގެ ހައްގުތަކާއި، މަގު ބޭނުންކުރާ މީހުން ތަބާވާންޖެހޭ އުސޫލުތަކާއި ވާޖިބުތަކެއް އޭރު ވެސް ހުރި ކަމަށެވެ.
އެ ހައްގުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަމަށާއި އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުން ކަމަށް ހުތުބާގައި ބުންޏެވެ.
”އެ މޭރުމުން ވިސްނައިލާ އިރު، މި ޒަމާނުގައި ހަދާފައި ހުރި ޓުރެފިކް ގަވާއިދުތަކާއި އުސޫލުތަކަކީ، އިސްލާމީ ޝަރީއަތާ ތައަރުޒުވާ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ! އެއާ އެއްގޮތަށް އަމަލުކުރުމަކީ ވާޖިބުކަމެކެވެ. އެ ގަވައިދުތަކަކީ އާންމު މަސްލަހަތާއި، މީހުންގެ މުދަލާއި، ފަރުދުންނާއި، ޖަމާއަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ އެއްޗަކަށްވާތީއެވެ. އިސްލާމް ދީނުގައި، ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނެތެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ދަތުރަށް ފަށާ އިރު، ދަތުރު ދުއާ ކިޔުމަކީ ސުންނަތެއް ކަމަށާއި ކަނޑުދަތުރެއް ކަމުގައިވިއަސް، ވައިގެ ދަތުރެއް ނުވަތަ އެއްގަމުގައި ކުރާ ދަތުރެއްކަމުގައި ވިޔަސް ދަތުރު ދުއާ ކިޔުމަކީ، ކޮންމެ ދަތުރުވެރިއެއްގެ ވެސް އާދައަކަށް ހަދަން ޖެހޭ ކަމަށެވެ އަދި ހަނދާންކޮށްދިނުމުގެ ގޮތުން ދަތުރު ދުއާގެ ރެކޯޑިންއެއް އިއްވިޔަސް، އަމިއްލައަށް ދުއާ ކިޔަން ސަމާލުކަން ދޭންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަނީ، އުޅަނދުފަހަރު ދުއްވާ މީހުން ގަވާއިދާ ހިލާފުވެގެން ކަމަށާއި އަނެއްބައި ފަހަރު އެކްސިޑެންޓުތައް ހިނގަނީ ފަރިތަކަމާއި، ކުޅަދާނަކަން ދައްކަން އުޅެން ހަދައިގެން ކަމަށް ހުތުބާގައި ބުންޏެވެ.
”އަހަރެމެން މި ބިންމަތީގައި ހިނގައިބިނގައި އުޅޭން ޖެހޭނީ، ބޮޑާކަމެއް ނެތިއެވެ. ކިބުރުވެރިކަމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ، މާތް الله ރުއްސަވާ ސިފަތަކެއް ނޫނެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ނިދި އައިސްފައިވާ ހަލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ހާލަތުގައްޔާއި، ނަފްސާނީ ބުރަތަކެއް ތަހައްމުލުކުރާ ހާލަތުގައި، އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.




ގުޅުންހުރި
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަތަކެއް ކަނޑައަޅައިފި
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ނަމާދު އެޅުމަކީ މާތް ﷲ ގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭ:
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް މި ހިނގަނީ ހަރުދަނާ ބިންގަލެއް އެޅިފައި ނެތުމުން: