ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫނަށް ފުރައްސާރަކޮށް މީހަކު ވާހަކަދެއްކި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުށްވެރިކޮށްފިއެވެ.
މާލޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެ ވާހަކަދެއްކީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފްގެ ބައްޕަ އަބްދުއްލަތީފެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގައި އިންނަވާ ޝުޖޫން، ބުރުގާ ނާޅުއްވާ ކަމަށްބުނެ ފާޑުކިޔައިފައެވެ.
އެކަމާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންހެނުންގެ ކަރާމާތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައިވާ އެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.
ކޮންމެ އިންސާނެއްގެ ވެސް ނަމާއި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީއަތުން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި ގާނޫނު އަސާސީގެ އިތުރުން އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އަނެކާގެ އަބުރަށް އަރައިގަތުމަށް އޮތް ހުއްދައެއް ނޫން ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބޭފުޅަކަށް ފުރައްސާރަކުރުމަކީ މުޅި ނިޒާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން އަންނާނެ ކަމެއް ކަމަށާއި ވަކި ޖިންސަކަށްވީތީ ނުވަތަ އަންހެނަކަށްވީތީ ކުރާ ފުރައްސާރަ އާއި ތަފާތު ކުރުންތަކުން އެއްކިބާވެ ތިބެ، ބިނާކުރަނިވި ގޮތެއްގައި ހިޔާލު ފާޅުކުރުމަށް ގޮވާލާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫން ފަދަ އިލްމީ، ގާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިއެރުމަށާއި ޝުޖޫން ފަދަ އިލްމީ، ގާބިލު އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް ދެމެހެއްޓުމަށް އޮތް ހުރަހެއް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެފަދަ ފުރައްސާރައިގެ ސަބަބުން ގައުމީ ހިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.




ގުޅުންހުރި
އެޗްއާރުސީއެމަށް ކުރީގެ މިނިސްޓަރު ރަމީލާ އައްޔަންކުރައްވައިފި
ގެވެށި އަނިޔާގެ ތުހުމަތުވާތީ ތޯހާ އެޗްއާރްސީއެމްއަށް އައްޔަންކުރަން ފާހެއްނުވި
މުޒާހަރާތަކުގައި މަގުތަކުގައި އަޑުގަދަނުކޮށް ހިޔާލުފާޅުކުރަން އެޗްއާރްސީއެމުން ގޮވާލައިފި
އެޗްއާރްސީއެމުން ވެސް ޒަކިއްޔާގެ މަރުގެ މައްސަލަ ބަލަނީ
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުއުމިނާ އައްޔަންކޮށްފި
އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދޭން އެދިއްޖެ