ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:15 ހާއިރު ގްރޫޕު ހަދައިގެން ތިބި ބަޔަކު، ފުލުހުން ފެނުމުން އެމީހުންގެ އަމަލުތައް ހުރިގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އިންޒާރުދީ، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ޏ. ފުވައްމުލައް، މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން (22އ) އާއި ޏ. ފުވައްމުލައް، ފުނާޑު، ނަމަން، ނާފިއު އިބްރާހިމް (30އ) އަދި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް (19އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ރަޒީން ފަސް ދުވަހަށް، ނާފިއު އިބްރާހިމް ދެ ދުވަހަށް އަދި މުހައްމަދު ލުވޭޒް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެ އެންމެންނަކީ ވެސް ޖިނާއީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި