މާލޭ ސިޓީ ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް ނޫން ކަމަށާއި ބޭނުންވަނީ ދާއިރާގެ ކަންކަން ދަންނަ ކައުންސިލަރުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް، މާދަންނު މެދު ދާއިރާގެ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ވާދަކުރާ އާއިޝަތު ހަނާގެ ޖަގަހަ، ”އަރިސް ކަންމަތި“ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް އެހެން ވިދާޅުވެފައިވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު މެޖޯރިޓީ އޮންނަ ކައުންސިލުގެ ކައުންސިލަރުންނަށް ނިސްބަތްކުރައްވައި ވާހަކަދައްކަވަމުންނެވެ.
މޭޔަރުކަމުގެ އިތުރު ދައުރަކަށް ވެސް ވާދަކުރައްވާ އާޒިމް ވިދާޅުވީ ކައުންސިލަރުން ހޮވަނީ ހަމައެކަނި ކައުންސިލު ބައްދަލުވުމަށް ގޮސް، މީހުންނާ ދިމާއަށް އެއްޗެހި ކިޔައި ޑްރާމާ ކުޅެން ނޫން ކަމަށާއި ކައުންސިލަރުން ހޮވަނީ ކޮންމެ ދުވަހަކު އޮފީހަށް ގޮސް، ރައްޔިތުންގެ ކަންތައްތައް ބަލައި އެ ކަންތައްތައް ރިޕޯޓުކޮށް އެ ކަންތައްތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރުމަށް ކަމަށެވެ.
”ކައުންސިލަރުންނަށް ތިއްބެވި ބޭބޭފުޅުން ކައުންސިލު ބޭނުންކުރަމުން މިދަނީ ޑްރާމާ ކުޅެން، މީހުންނަށް އެއްޗެހި ކިޔަން، މީހުން ބަދުނާމު ކުރަން، ދޮގު ހަދަން. އެއީކީއެއް ނޫން ކައުންސިލުގެ ފްލޯ ބޭނުންކުރަން ޖެހޭނެ ގޮތަކީ. އަޅުގަނޑަށް ހަމަ ޔަގީން، އަޅުގަނޑަށް ކަށަވަރު ﷲ ގެ ހެޔޮ ރަހުމަތުން ތިޔަބޭފުޅުން ހަނާ ހޮވައިފިއްޔާ، އެ ބޭފުޅާ ވެގެންދާނީ މި ހިސާބުގަނޑުގެ ކުދިބޮޑު އެންމެންނަށް ރަނގަޅު ކަންތައްތައް ކޮށްދިނުމަށްޓަކައި ތަކުރާރުކޮށް ވަކާލާތުކޮށް، އެމީހުންނަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ބޭފުޅެއްކަން، އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން،“ މޭޔަރު ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކައުންސިލަރުންގެ ދައުރަކީ މާލޭގައި ހުރި ބިންތައް ވަގަށް ވިއްކުން ކަމަށް ވަރަށް ގިނަ ފަހަރު ހީވާ ކަމަށާއި ނަމަވެސް ކައުންސިލަރުންގެ ދައުރަކީ އެއީ ނޫން ކަމަށެވެ.
”ކައުންސިލަރުންގެ ރޯލަކީ މާލޭގެ ބިންތައް ވަގަށް ވިއްކުމެއް ނޫން. އެ ބިންތަކުން ރަނގަޅު ނަފާ ހޯދުމަށްޓަކައި ކައުންސިލަރުން ވަކާލާތުކުރުން،“ މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ މާލޭގެ ބިންތަކުން ރައްޔިތުންނަށް ނަފާ ހޯދައިދިނުމުގެ މަސައްކަތް ފައްޓަވާފައިވާނެ ކަމަށާއި އެގޮތުން ކުރިން 76،000 ރުފިޔާއަށް ކުއްޔަށް ދެމުން އައި މަސްމާރުކޭޓު މިހާރު ކުއްޔަށް ދީފައި އޮންނާނީ ހަތަރު ލައްކަ ރުފިޔާއަށް ކަމަށެވެ.




ގުޅުންހުރި
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލައްވަނީ މޫސާ އަލީ ޖަލީލު!