ޑިސެމްބަރ 28, 2025

ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ފިޔަވަޅުތަކެއް ތަންފީޒު ކުރަނީ

ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަަށެވެ.

”މިގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް ކަންކަން ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، އެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން އާއްމުކުރަމުން ގެންދާނެ އެވެ.

ރައީސްގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް މުޅި ސަރުކާރުން ހާއްސަ ލުއިތަކެއް ލިބޭ ދެ އަހަރަަށް ވާނެ ކަމަށެވެ.