ޑިސެމްބަރ 28, 2025

ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ

ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަންނަ އަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިކޯސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކުރާ ފުށިދިއްގަރުފަޅު ހިއްކަން ފެށީ 2023 ވަނަ އަހަރު އެވެ. ރަަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،009 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް ތިން ކުންފުންޏަކުން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް އެންމެ ފަހުން ހަވާލުކުރީ އެމްއޭސީއެލްއާ އެވެ. ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރޭގައި ހިމެނޭ ކްރިސްޓަބަލް ކޮލޯން ރާއްޖެ ގެނެސް އެ ކުންފުނިން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ 1 ޑިސެންބަރު 2025 ގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުއްތަލިބު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ތިން ޑްރެޖަރެއް ބޭނުންކުރަން ނިންމާފައިވާއިރު އަންނަ އޭޕްރީލް މަހަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން ސަރުކާރުގެ އާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

”ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ ފޭސް 3 އަދި ރަސްމާލެވެސް އާބާދުކުރަން ބަލާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މުނިސިޕަލް އިންފްރަސްރަކްޗާ އަދި މަގު ހެދުމުގެ މަސައްކަތް. މިހާރު މިނިސްޓްރީ އޮފް ފައިނޭސް އިން އިއުލާންކޮށްފައި އެބަ އޮތް އެތަނުގެ މާސްޓާ ޕްލޭންއެއް ހެދުމަށް ފަރާތްތަކެއް ހޯދުމަށްޓަކައި،“ މުއްތަލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރުވެސް އެތަނުގެ ފެނާއި ނަރުދަމާ ގާއިމުކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.