ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ފުލެޓާއި ގޯއްޗަށް އަންނަ މަހުގެ 15 ގައި ހުޅުވާލުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގައި ހުޅުވާލާނެ ކަމަށާއި އެކަމަށް އެދި ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި އިއުލާންކުރި އެ މަޝްރޫއާ ގުޅޭ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެއް ބަދަލެއްގެ ގޮތުގައި އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ ފަރާތްތަކުން އެ ފުލެޓު ދޫކޮށްލާފައި ތިން ކޮޓަރީގެ ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ހެދުމާއި، 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ހުރި ނަމަ، ދެ ކޮޓަރި ދޫކޮށްލާފައި ތިން ކޮޓަރީގެ އެޕާޓުމަންޓަށް ކުރިމަތިލެވޭ ގޮތަށް ހެދުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ އެ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގެއެއް، ގޯއްޗެއް، ރޯ ހައުސެއް ނުވަތަ ފުލެޓެއް އޮތް ފަރާތްތަކަށް އެ ސްކީމަށް ކުރިމައްޗެއް ނުލެވޭނެ ކަމަށާއި އަދި އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް އޮތް ފަރާތްތަކަށްވެސް ކުރިމަތިނުލެވޭނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7600 ފުލެޓާއި 15000 ގޯއްޗެވެ. އޭގެ ތެރޭގައި ހިމެނޭ ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. އަދި ފުލެޓުތަކުގެ ތެރެއިން އިންޑިއާގެ އެލްއޯސީގެ ދަށުން ހަދާ 4000 ފުލެޓު ހެދުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުގައެވެ.




1 Comment
ގުޅުންހުރި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މަގުސަދަކީ ބޯހިޔާވަހިކަމުން މުދާ އެއްކުރުމެއް ނޫން، އިސްކަންދޭން ޖެހޭނީ ގޮދޮރު ނެތް
ހާލަތު ބަލަން ގޭގެއަށް ދިއުމަކީ ކަރަޕްޝަންގެ ތެރެއަށް ހިނގައިދާނެ ކަމެއް: މުއްތަލިބު
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބީއެމްއެލުން ހައުސިން މަޝްރޫއުތަކަށް، ހުޅުމާލޭގައި 2700 އަދި ވިލިމާލޭގައި 300 ފުލެޓު
ފުވައްމުލަކު 400 ފްލެޓް މަޝްރޫއު: ނިންމައި ތަޅުދަނޑި ހަވާލުކުރަން އޮތް ދުވަހު