މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހުއްދަނެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ވިޔަފާރިކޮށް، ހިދުމަތްތައް ދޭނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފިއެވެ.
އެމްއޭސީއެލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފަތުރުވެރިންނަށް ބޭނުންވާނެ އެންމެހައި ކަންކަން ފޯރުކޮށްދިނުމަށްޓަކައި އެކި ވިޔަފާރިތައް ކުރުމާއި ހިދުމަތްތައް ދިނުމުގެ ހުއްދަ، ވަކި ހާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރަނީ އެ ކުންފުނިން ކަމަށެވެ.
އެހެންކަމުން، އެ އުސޫލުތަކާއި އެއްބަސްވުންތަކުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން ވީއައިއޭގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަކީ މަނާކަމެއް ކަމަށެވެ.
އެގޮތުން، އެ އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރުފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވިފައިވަނީ ކަމާ ގުޅޭ ލައިސެންސް އޮންނަ އަދި އެމްއޭސީއެލް އާއެކު އެފަދަ ހިދުމަތެއް ދިނުމުގެ އެއްބަސްވުމެއް ހަދާފައިވާ ފަރާތްތަކަށް ކަމަށެވެ.
އެމްއޭސީއެލުން ބުނީ އެ ކުންފުންޏާއެކު އެއްބަސްވުމެއްގެ ދަށުން ވީއައިއޭގައި ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭ ފަރާތަކުން އެ ވިޔަފާރި ނުވަތަ ހިދުމަތް ދޭންވާނީ އެކަމަށް ކަނޑައެޅިފައިވާ ޖާގައިގެ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށާއި އަދި އެތަންތަނުން ހިދުމަތްދޭ ފަރާތްތަކުން ތިބެން ވާނީ ތަމްސީލު ކުރާ ކުންފުނީގެ ޔުނިފޯމް ލައިގެން ނުވަތަ ފާހަގަވާނެ ފާސް ހިފައިގެން ކަމަށެވެ.
އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީ އެ ފަރާތްތަކަށްވެސް މަނާކަމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމުގައިވާތީ، ހުއްދަ ނެތި އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ، ކަމާ ގުޅޭ ސަލާމަތީ މުއައްސަސާތަކާއެކު އެފަދަ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެފަދަ ފިޔަވަޅެއްގެ ސަބަބުން އެ ފަރާތްތަކަށް ލިބިދާނެ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް އެމްއޭސީއެލުން ޒިންމާ ނުނަގާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.




ގުޅުންހުރި
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ރަސްމާލެ ހިއްކުން: ހަފުތާއެއް ތެރޭ ސައިޓް އޭގެ 18 ހެކްޓަރު ހިއްކައިފި
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ހުޅުމާލެ 3 ހިއްކަން ހަވާލުވާން އެމްއޭސީއެލް އިން އަނެއްކާވެސް އާ ކުންފުންޏެއް!