ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އަނެއް ޑްރަޖަރުވެސް ރާއްޖެ ގެނެސްފި އެވެ.
ދިއްދޫ ބިން ހިއްކައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެއާޕޯޓްތައް ހިންގާ ކުންފުނި، އެމްއޭސީއެލްއާ އެވެ.
އެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ އެއް ފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ޕަމްޕު ކުރުމުގެ ގާބިލުކަން ލިބިފައިވާ ”ލީވް އެރިކްސަން“ ނަމަކަށް ކިޔާ ޑްރެޖަކަރެކެވެ. މިއީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޓްރެއިލާ ސަކްޝަން ހޮޕާ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ. މި ޑްރެޖަރަކީ ހުޅުމާލެ ފޭސް 2 ވެސް ހިއްކަންވެސް ގެނައި ޑްރެޖަރެވެ.
އަނެއް ޑްރެޖަރު ވެސް މިވަގުތު އޮތީ ރާއްޖޭގަ އެވެ. އެއީ ކްރިސްޓަބަލް ކޮލޯންގެ ނަން ދީފައިވާ ޑްރެޖަރެވެ. އެމްއޭސީއެލް އިން އެ ޑްރެޖަރު ގެނައީ ރަސްމާލެ ހިއްކުމުގެ މަސައްކަތަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށަށް އިތުރު 110 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ.



