ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ފަށައިފި އެވެ.
ދިއްދޫ ބިން ހިއްކައި، ހިއްކި ބިމުގައި އެއާޕޯޓަކާއި ހައުސިން މަޝްރޫއުތައް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެ ރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެ ރަސްމިއްޔާތުގައި ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވި އެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ ހުޅުމާލެ ފޭސް 2 ހިއްކުމަށް އެޗްޑީސީން ކުރިން ގެނައި ”ލީވް އެރިކްސަން“ ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ.
އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.



