އާސަންދަ އޮތީ ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުޕީސްއަށް ދަރާފައި، ހިދުމަތް ކަނޑާލައިފި

ގިނަ ބަޔަކު ބޭސްފަރުވާއަށް ގޮސް އުޅޭ ސްރީ ލަންކާގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ލަންކާ ހޮސްޕިޓަލަށް، އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އެނގިފައިވާ ގޮތުގައި އާސަންދަ އިން ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުފީސް ނުދައްކާ އެބަ އޮތެވެ. އެހެންވެ ލަންކާ ހޮސްޕިޓަލުން ވަނީ އާސަންދަ އާއެކު ހަދާފައިވާ އެއްބަސް އާ ނުކުރަން ނިންމައިފަ އެވެ.

އާސަންދައިގެ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާސަންދައިން، ލަންކާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އާކުރި ނަމަވެސް މިފަހަރު އެއްބަސްވުން އާ ކުރުމާމެދު ގޮތެއް ނުނިމުނީ ދެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅިގެން ގޮތެއް ނިންމިފައި ނުވާތީ އެވެ.

މިކަމާ ގުޅޭ ގޮތުން އާސަންދައިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.