ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ކުޑަކުދީން މިސްކިތަށް އަހުލުވެރިކުރުވުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ނަމާދަކީ ދީނުގެ ތަނބު ކަމަށާއި އެއީ ގިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭ އަޅުކަން ކަމަށެވެ. އަދި މި މަތިވެރި ވާޖިބަށް ތިބާގެ ދަރީން ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިޔަތުކުރާންޖެހޭ ކަމަށާއި އެ ކަމުގައި އިހުމާލުވެއްޖެ ނަމަ، ތިބާގެ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި އާހިރަތުގައި ބޮޑުވެގެންވާ ހިތާމައެއް ނޫނީ ނުލިބޭނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ދަރީންނަކީ މާތް ﷲ ތިބާއަށް ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި އެ ދަރީންނާ މެދު މަސްއޫލުވާންޖެހޭނެ ކަމަށެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
”އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާ އެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލުކުރެއްވޭނެ އެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާ އެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެ އެވެ.“
ހުތުބާގައި ބުނީ، އަހަރެމެންގެ ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށްޓަކައި އަޅާންޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަގުވާވެރި މައިން އިހުތިޔާރު ކުރުން ކަމަށެވެ. އަދި ދެވަނަ ކަމަކީ ހެޔޮލަފާ ސޯލިހު ތަގުވާވެރި ދަރީން ދެއްވުން އެދި މާތް ﷲ އަށް ދުއާކުރުން މަތީ ދެމިހުރުން ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.
އަދި ނަމާދަށް ބަންގިގޮވޭ އިރު މައިންބަފައިން ވެސް، ދަރީންގެ އަތުގައި ހިފައިގެން ގޮސް މިސްކިތާ ކައިރީގައި އޮންނަ ކުޅިވަރު މައިދާންތަކަށް ދޫކޮށްލާއިރު، ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް ﷲ އަށް ބިރުވެތިވުމަށް ހުތުބާގައި ގޮވާލި އެވެ.




ގުޅުންހުރި
އުފާވެރިކަން އައިސް އަތުގައި ހިފީއެވެ
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން