ޖެނުއަރީ 11, 2026

ޕީއެންސީ އޮފީސް ހެދީ ހުއްދަތައް ނުނަގާ! ގޭގެ ވެރިފަރާތް 128،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ގޯތީގެ ވެރިފަރާތް 128،545 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މީޑިއާތަކަށް ވިދާޅުވި ގޮތުގައި، އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ ހިލާފަށް ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ، އެ ގޯތީގެ ވެރިފަރާތް ސަފިއްޔާ ޒުބައިރު ޖޫރިމަނާ ކުރީ 25 ޑިސެންބަރު 2025ގައެވެ.

އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ދައްކަން އަންގާފައިވާ ކަމަށާއި އެ ފައިސާ ނުދައްކައިފިނަމަ، ތިން މަސް ފަހުން ދެވަނަ ފަހަރަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖޫރިމަނާ ކަނޑައަޅާފައި ވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ އެވެ.

އެއީ ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުމުން 73,545 ރުފިޔާ އަދި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000 ރުފިޔާ އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000 ރުފިޔާ އެވެ.

މީގެ ކުރިން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ ހަރުގެ ވެސް ހިންގި މި ގޯތީގައި ޕީއެންސީގެ އޮފީސް އިމާރާތް ހަދައި އެ ތަން ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ.