އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށާއި، އެހެންކަމުން ބައިނަލްއަގްވާމީ މުޖުތަމައުއިން ތިބެންވާނީ އެ ރައްޔިތުންނާ އެކު އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އީރާންގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު މަރުވެފައިވާމިދަނޑިވަޅުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައިވިދާޅުވީ އީރާނުގެ ރައްޔިތުން ނުކުމެ ތިބީ އެތައް ޒަމާނެއްވީ ހިފެހެއްޓުންތަކުން ސަލާމަތްވެ، ދިރިއުޅުމުގެ އަގު އިންތިހާއަށް ގޮސްފައިވާތީ އެކަމުން މިންޖުވާން ކަމަށެވެ.
އަދި އީރާނުގެ ރައްޔިތުންނަކީ މުސްލިމުން ކަމަށް ވާއިރު، މުސްލިމުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ތިބެން ޖެހޭނީ އެ ރައްޔިތުންނާ އެކު ކަމަށާއި އޭގެ ބަދަލުގައި އީރާނުގެ ސަރުކާރު ހިމާޔަތް ކުރުމުގައި ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އީރާނުގައި ކުރަމުންދާ މުޒާހަރާތައް މިހާރު ވަނީ ގިނަ ސަރަޙައްދުތަކަށް ފެތުރިފައެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް، އީރާންގެ ސަރުކާރުން ވަނީ ގިނަ ސަރަޙައްދުތަކަށް އިންޓަރނެޓުގެ ޚިދުމަތްވެސް ކަނޑާލައިފައެވެ.
އިރާންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ޔަހޫދީންނާއި ނިރުބަވެރި ޖަމާޢަތްތަކުން އީރާނުގެ އާއްމު ސަލާމަތަށް ނުރައްކާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކޮށްފައެވެ. ސަލާމަތީ އެހެން ބާރުތަކާ ގުޅިގެން، އީރާނުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ދުޝްމަނުންގެ ޙަރަކާތްތައް ގާތުން ބަލައި އެ ފަދަ ޖަމާޢަތްތަކަށް ފާރަލަމުން ދާނެ ކަމާށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާ ކުރަމުންދާ އީރާނުގެ ރައްޔިތުންނަށް އެހިތެރިވުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެ ޕޯސްޓު ކުރައްވާފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް އީރާނުގެ އަސްކަރިއްޔާއިން ޙަމަލާދީ މަރާލައިފި ނަމަ އެމެރިކާއިން އެ މައްސަލައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހުގައެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަަކަކީ 2023ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރަމުންދާ އެންމެ ބިޔަ ބޮޑު މުޒާހަރާތަކެވެ.




ގުޅުންހުރި