ޖެނުއަރީ 18, 2026

ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ

ގިނަ ތުހުމަތުތަކަކާއެކު، މަޝްހޫރު ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ”ޓޫއޮފްއަސް“ ބޭންޑުން ވަކިވެއްޖެއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މަޝްހޫރުކަން ހޯދި ”ޓޫއޮފްއަސް“ ބޭންޑުން ވަކިވާކަން އިއުލާންކުރުމަށް ޝަހީދު މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންޑުން ވަކިވާން ނިންމާފައިވަނީ ވަރަށް ރަނގަޅަށް އެކަމާ މެދު ވިސްނުމަށްފަހު ކަމަށާއި އެއީ އުނދަގޫ ނިންމުމެއް ނަމަވެސް، ދިވެހި މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ފޭނުންނާއި ސަޕޯޓަރުންނަށް އެނގުން މުހިންމު ކަމަށެވެ.

ފައިސާގެ ކަންކަމުގައި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކުރެވޭ ގޮތަށް، އެކަންކަން ކުރިއަށްގެންގޮސްފައިވަނީ ހާމަކަން ނެތް ގޮތަކަށް ކަމަށާއި ދޭން ޖެހޭ ފައިސާ ދިނުމުގައި ވެސް މައްސަލަތަކެއް ހުރި ކަމަށް ޝަހީދު ބުންޏެވެ.

”ވަރަށް އުންމީދީ އަދި ރަނގަޅު ފެށުމަކުން ފެށުނު ކަމެއް ނަމަވެސް، ހިތާމައަކީ މި ދަތުރު ނިމިގެން ދިޔައީ ހިތްދަތި އަދި ނުތަނަވަސްކަން ބޮޑު ގޮތަކަށް. މިއީ ނިންމަން އެހާ ފަސޭހަ ނިންމުމެއް ނޫން. އެހެންނަމަވެސް، އަޅާނުލާ ދޫކޮށްލެވެން ނެތް އަސާސީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން، މި ނިންމުން ނިންމުމަކީ ކޮންމެހެން ކުރަންޖެހުނު ކަމަކަށްވި،“ އޭނާ ބުންޏެވެ.

ޝަހީދުގެ ބަޔާނުގައި ބުނީ ފަންނީ ގޮތުންނާއި މަސައްކަތުގެ މާހައުލުގައި ކުރިއެރުމެއް ނުލިބުމުގެ އިތުރުން، އިހުތިރާމަކީ ދެފަރާތުންވެސް އޮންނަންޖެހޭ އެއްޗެއްކަން ވަރަށް ބޮޑަށް ސާފުވެގެންދިޔަ ކަމަށާއި ނަމަވެސް ދިޔައީ އެކަން އިންތިހާއަށް ކުޑަވަމުން ކަމަށެވެ.

މިއުޒިކް ގެންދާން ބޭނުންވި މިސްރާބު އަމިއްލަ ފަންނުވެރިކަމާއި ވައްޓަފާޅިއާ ނުގުޅުމުގެ އިތުރުން، އާ އުފެއްދުންތަކެއް ނެތުމުގެ ސަބަބުން އެ މަސައްކަތުގައި މާނަހުރި ގޮތެއްގައި ބައިވެރިވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެއީ ބޭންޑެއްގެ ގޮތުގައި އެންމެން ގުޅިގެން ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް، އެކަކު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ހިނގާ އުސޫލަކަށް ބަދަލުވެފައި އޮތް ކަމެއް ކަމަށް އޭނާ ބުންޏެވެ.

”ހުރިހާ ކަމަކަށްވުރެ ބޮޑަށް މާޔޫސްވީ، މިއުޒިކީ ދާއިރާގައި އަޅުގަނޑު ހޭދަކުރި 25 އަހަރުގެ ތަޖުރިބާއަށް އެއްވެސް ގަދަރެއް ނުކުރުން. އަޅުގަނޑު މި ޕްރޮޖެކްޓާ ގުޅުނީ ވަރަށް އިހުލާސްތެރިކަމާއެކު ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ނިޔަތުގައި،“ އޭނާ ބުންޏެވެ.

ޝަހީދު ބުނީ އެ ހުރިހާ ކަމެއް އެހެން ހުރި ނަމަވެސް، ”ޓޫއޮފްއަސް“ ގެ ނަމުގައި ”ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ ގައި ބައިވެރިވުމަށް ލިބުނު ފުރުސަތަށްޓަކައި ޝުކުރުވެރިވާ ކަމަށާއި އެ ކާމިޔާބީއަށްޓަކައި ބުރަކޮށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އަދި އެކުގައި ލިބުނު އެވޯޑާ މެދު އަޅުގަނޑު ފަޚުރުވެރިވެ، އެ ތަޖުރިބާއަކީ އަބަދުވެސް އުފާވެރި ހަނދާނެއްގެ ގޮތުގައި ދެކޭނެ ކަމަށް އޭނާ ބުންޏެވެ.

ބޭންޑުގައި ބާކީ ތިބި މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދޭ ކަމަށާއި އޭނާ ކުރިއަށްދާނީ ސާފު އަޒުމަކާއި، އަމިއްލަ ނަފްސަށް އޮތް އިހުތިރާމާ އެކުގައި ކަމަށެވެ. އަދި ފަންނާނެއްގެ ގޮތުގައި މިއުޒިކަށް އިތުރު ސަމާލުކަމެއް ދޭނެ ކަމަށް ވެސް ޝަހީދު ބުންޏެވެ.

”ޓޫއޮފްއަސް“ ބޭންޑަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ އިންޑިއާގެ ރިއަލިޓީ ޝޯ ”ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ އިންނެވެ. އެ ޝޯ އިން ”ޓޫއޮފްއަސް“ ވަނީ ތިންވަނަ ހޯދައިފައެވެ.