ޖެނުއަރީ 19, 2026

ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ 

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކަށް ހާއްސަ ރަށްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިހާތަނަށް ވެސް ރައީސް ވަނީ ޕިކްނިކް އައިލެންޑްތައް ހަދާނެ ގިނަ ރަށްތަކެއް އިއުލާންކޮށްފައެވެ. ބައެއް އަތޮޅުތަކުގައި، ޕިކްނިކް އައިލެންޑްތަކުގެ ގޮތުގައި އެއް ރަށަށްވުރެ ގިނަ ރަށް ވަނީ ކަނޑައަޅައިފައެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ހާއްސަ ރަށެއް ތަރައްގީކުރުމަށް ހިންގާ ޕިކްނިކް އައިލެންޑް ޑިވަލޮޕްމަންޓް ޕްރޮޖެކްޓަށް ކޮންސަލްޓަންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރާ ކަމަށެވެ. އަދި އެ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން bid@msfd.gov.mv އަށް އީމެއިލް ކުރުމަށް އެދޭ ކަމަށާއި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ 14:00 ގެ ކުރިން https://myoffice.msfd.gov.mv/forms މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މައުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީ ކަމަށާއި އަދި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ.

މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  މިމަހުގެ 28 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.